ހޮރުމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އީރާނުގެ ބާރުގެ ދަށުގައި: ކައުސަރީ

ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ ބޯޓެއް. ފޮޓޯ: ރޮއިޓާސް
ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ ބޯޓެއް. ފޮޓޯ: ރޮއިޓާސް

ހޮރުމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އީރާނުގެ އަސްކަރީ ބާރުތަކުގެ އަތްމަތީގައި ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިސް މެންބަރު އިސްމާއީލް ކައުސަރީ ވިދާޅުވެއްޖެއެވެ. 

އީރާނުގެ ދައުލަތުގެ މީޑިއާ (އައިއާރުއައިބީ) ގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، އެމެރިކާއިން ކުރިމަތިކުރަމުންދާ ހުރަސްތައް އީރާނުގެ އަސްކަރިއްޔާއިން ފޫއަޅުވާލާނެ ކަމަށާއި، ތެހްރާނަށް ދޭ ހަމަލާތަކުގައި އެހީތެރިވާ ސަރަހައްދީ އަދި ވިލާތުގެ ގައުމުތަކަށް އެކަމުގެ ރައްދުދޭނެ ކަމަށެވެ.

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ސިޔާސަތާ ބެހޭ ކޮމިޝަންގެ މެންބަރު ކައުސަރީ ފާހަގަކުރެއްވި ގޮތުގައި، ސްޓްރެޓީޖިކް ގޮތުން މުހިންމު މި ކަނޑުއޮޅި ކޮންޓްރޯލްކުރުމުގެ ރޭވުންތައް ތެހްރާނުން ފަށާފައިވަނީ 1987 ވަނަ އަހަރުން ފެށިގެންނެވެ. އަދި ދުޝްމަނުންނަށް އެ ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރުމަށް ނުވަތަ އެ ސަރަހައްދަށް ވަދެގަތުމަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އީރާނުގެ އަސްކަރީ ބާރުތަކުގެ އުކުޅުތަކާއި ގާބިލުކަން ބޭނުންކޮށްގެން އެމެރިކާގެ ކަނޑުގެ ސިފައިންގެ ހުރަސްތައް ނައްތާލާނެ ކަމަށް ކައުސަރީ ވިދާޅުވިއެވެ. 

އޭނާ ވިދާޅުވި ގޮތުގައި، ދުޝްމަނުންގެ އަމަލުތަކަށް ރައްދުދޭނެ ވަގުތާއި ގޮތް ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު އޮތީ އީރާނުގެ އަސްކަރިއްޔާއަށެވެ. އަދި އެ ސަރަހައްދުން އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް ފަހަތަށް ޖެހެން މަޖުބޫރުވީ އީރާނުގެ މިސައިލާއި ޑްރޯންގެ ގާބިލުކަމުގެ ސަބަބުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހޮރުމުޒް ކަނޑުއޮޅި މެދުވެރިކޮށް ކުރާ ވިޔަފާރީގެ ދަތުރުތަކަށް ހުރަސްއެޅުމަކީ އަވަށްޓެރި ގައުމުތަކަށް އިގުތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ވިދާޅުވެ، ކައުސަރީ ވަނީ އެ ގައުމުތަކަށްވެސް އިންޒާރުދެއްވާފައެވެ. އެގޮތުން، އެ ގައުމުތަކުގެ ބިން ބޭނުންކޮށްގެން ބޭރުގެ އަސްކަރިއްޔާތަކަށް އޮޕަރޭޝަންތައް ހިންގުމުގެ ފުރުސަތު ނުދިނުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

އީރާނާ ދެކޮޅަށް ހިންގާ އަމަލުތަކަށް އެމެރިކާއަށް އެއްވެސް ގައުމެއްގެ ބިމާއި ވަސީލަތްތައް ފޯރުކޮށްދީފިނަމަ، އެކަމުން ނުކުންނަ ނަތީޖާގެ ޒިންމާ އެ ގައުމަކުން އުފުލަންޖެހޭނެ ކަމަށް ވިދާޅުވެ، ކައުސަރީ އިންޒާރުދެއްވިއެވެ. އަދި އީރާނަށް ހަމަލާދިނުމަށް ވިލާތުގެ ވައިގެ ސަރަހައްދު ބޭނުންކޮށްފިނަމަ، އެކަމަށް ރައްދު ނުދީ އީރާނުން ދޫކޮށްނުލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާންހޮރުމުޒްހޮރުމުޒް ކަނޑުއޮޅި
ގުޅުންހުރި ޚަބަރު
ކޮމެންޓް 0