ޕާކިސްތާނުގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ޝަރަފުގައި، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ ދެއްވި ރަސްމީ ޖާފަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިރޭ ބައިވެރިވެވަޑައިގެންފިއެވެ.
މި ޖާފަތް އޮތީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު ކަމަށްވާ، އައިވާން-އީ-ސަދްރުގައެވެ.
މި ފަރިއްކޮޅުގައި ދެ ގައުމުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅު ކުރިއަށްދާނީ، މިހިނގާ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާއެވެ. ދެ ގައުމުގެ ދެމެދުގައި ރަސްމީކޮށް ޚާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 26 ޖުލައި 1966 ގައެވެ.