ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު، އައިވާން-އީ-ސަދްރުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު، އައިވާން-އީ-ސަދްރުގައެވެ.
ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް މަރުހަބާ ދަންނަވާފައިވަނީ ޕާކިސްތާނުގެ ރައީސް، ހިޒް އެކްސަލަންސީ އާސިފް ޢަލީ ޒަރްދާރީ އާއި ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޕާކިސްތާނުގެ ރައީސް އަދި އެމަނިކުފާނުގެ އަނބިކަނބަލުންނާއެކު ވަކިވަކި ބައްދަލުވުންތަކެއް ބާއްވަވާފައެވެ.
ރައީސް އާސިފް ޢަލީ ޒަރްދާރީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް ހޫނު މަރުހަބާއެއް ދަންނަވާ، އެޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
އަދި، މިދަތުރުފުޅަކީ އޭގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނޭ ދަތުރުފުޅެއްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިވެހި ވަފުދަށް ޕާކިސްތާނުން އެރުވި މެހެމާންދާރީއަށް ޝުކުރުދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދެގައުމުގެ މެދުގައި އޮތް ތާރީހީ އަދި އަހުވަންތަ ގުޅުމަށް ބައްލަވާލެއްވިއެވެ. އަދި، ވިޔަފާރި، ތަޢުލީމު، ސިއްހީ، އަދި ތަމްރީނުގެ ދާއިރާއިން އިތުރަށް ގުޅުން ހަރުދަނާކުރެވިގެންދާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ދެބޭފުޅުންވެސް ވަނީ ދޭދޭ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކުގެ މައްޗަށް ބައްލަވާލައްވާފައެވެ.
ރައީސް ޒަރްދާރީގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީވެފައިވާ މިންވަރަށް ބައްލަވާލައްވާފައިވެއެވެ. އަދި، މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެވިގެންދާނޭކަމުގެ ޔަގީންކަން އޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގިނަ ދުވަހެއްގެ މެދުކެނޑުމަކަށްފަހު، ދެގައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން މިފަދަ ދަތުރުފުޅެއް ކުރެއްވުމުގެ ސަބަބުން ޕާކިސްތާނުގެ ރައްޔިތުން އެކަމާ އުފާކުރާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ކުރިމަގުގައި ވެސް އިތުރަށް ބަދަހިކުރެއްވުމުގެ ޔަގީންކަން އައުކުރައްވަމުންނެވެ.