"ޕާކިސްތާން ދަތުރުން ދެ ގައުމުގެ ގުޅުމުގައި އައު ބާބެއް ފެށި، ތާރީހީ ނިންމުންތަކެއް ނިންމުނު"

"ޕާކިސްތާން ދަތުރުން ދެ ގައުމުގެ ގުޅުމުގައި އައު ބާބެއް ފެށި، ތާރީހީ ނިންމުންތަކެއް ނިންމުނު"

ޕާކިސްތާނަށް ކުރެއްވި މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި އެ ގައުމުގެ ގުޅުމުގައި އައު ބާބެއް ފެށި، ތާރީހީ މުހިންމު ނިންމުންތަކެއް ނިންމިފައިވާ ދަތުރުފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

"ޕާކިސްތާނަށް އަޅުގަނޑު ކުރި ފުރަތަމަ ފުރަމާނަ ދަތުރުފުޅު ނިންމާލުމުގެ ކުރިން، އަޅުގަނޑުގެ ލޮބުވެތި އަހުން ކަމުގައިވާ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާއި ބޮޑުވަޒީރު، މުޙައްމަދު ޝެހްބާޒް ޝަރީފްއަށާއި، ސަރުކާރަށާއި، އަދި އުހުއްވަތްތެރި ރައްޔިތުންނަށް ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނާއި، އެމަނިކުފާނުގެ އަނބިކަނބަލުންނަށާއި، އަދި ވަފުދުގެ މެންބަރުންނަށް ވިދާޅުވި ހޫނު މަރުޙަބާ އާއި ބެހެއްޓެވި ގާތްކަމާއި އޯގާތެރި މެހެމާންދާރީއަށްޓަކައި ނުހަނު ބޮޑަށް ޝުކުރުވެރިވާކަމަށްވެސް ވިދާޅުވެފައެވެ.

ޕާކިސްތާނާއި ރާއްޖޭގެ މަގުސަދަކީ، ދެ ގައުމުގެ ސިޔާސީ ގުޅުން މީގެ ކުރިން ދުވަހަކުވެސް ނުދާހާ އުސްމިނަކަށް ގެންގޮސް، ޒަމާންވީ އެކުވެރިކަން އިގުތިސާދީ ފުރުސަތުތަކަށާއި، ދެ ގައުމުގެ ކުރިއެރުމަށާއި، ރައްޔިތުންނަށް އޭގެ މަންފާ ލިބޭނެ ގޮތަށް އެ ގުޅުން ބަދަލުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދެ ގައުމުގެ މެދުގައި އުފެދިގެންދިޔަ ގާތް ގުޅުމުގެ ތެރެއިން މި އައު ބާބުގެ އެންމެ މުހިންމު އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 13 މިލިއަން އެމެރިކާ ޑޮލަރުން 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު އަޅުގަނޑު ބައިވެރިވުމުގެ ޝަރަފު ލިބުނު 'މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް' އަކީ، މި އުއްމީދީ އަމާޒުތައް ހަގީގީ އިންވެސްޓްމަންޓްތަކަކަށް ބަދަލުކޮށް، ވިޔަފާރީގެ ގުޅުންތައް ވަރުގަދަކޮށް، މާނަހުރި އިގުތިސާދީ އެއްބާރުލުމެއް އުފެއްދުމަށް އެޅުނު މުހިންމު ބިންގަލެއް." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ދަތުރުފުޅުގައި ސޮއިކުރެވުނު 20 ފަހުމުނާމާއަކީ ހަމައެކަނި އުއްމީދުތަކެއްގެ ބަދަލުގައި، އަމަލީ މަސައްކަތްތަކަކުން ނަތީޖާ ނެރުމަށް ދެ ގައުމުން ކަނޑައަޅާފައިވާ ވަރުގަދަ އަޒުމް ހާމަކޮށްދޭ ކަމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މި ދަތުރުފުޅު ނިންމަވާލައްވަނީ ވަރަށް އުފާވެރި ހަނދާންތަކަކާއެކުގައި ކަމަށާއި، އަދި ދެ ގައުމުގެ ދެމެދުގައި އޮތް ބައިވެރިވުން މިހާރަށްވުރެ ވަރުގަދަވެ، ދެފަރާތަށްވެސް މަންފާކުރަނިވި ގޮތެއްގައި ކުރިއަށްދާނެ ކަމުގެ ފުރިހަމަ އިތުބާރާއެކުގައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން ވަނީ، މިހާ ހިސާބަށް ގުޅުން ދެމިގެންދިއުމުގެ އެންމެ ބޮޑު ބާރަކަށްވީ، ދެ ގައުމުގެ މެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ކަމަށްވާއިރު، ކުރިއަށް އޮތް ތާނގާއި ދެ ގައުމުގެ ތަސައްވުރާއެކު މި ގުޅުން އާ އުސްމިންތަކަކަށް ވާސިލުވެވޭނެ ކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ރައީސަކު، ޕާކިސްތާނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މި ދަތުރުފުޅު ދިމާވެފައި މި ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާއެވެ. ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނީ 26 ޖުލައި 1966 ގައެވެ.

ރައީސް މުޢިއްޒުރައީސްރައީސުލްޖުމްހޫރިއްޔާފުރަމާނަ ދަތުރުފުޅުރައީސް ޑރ. މުޙައްމަދު މުޢިއްޒުރައީސް ޑރ. މުޢިއްޒު
ގުޅުންހުރި ޚަބަރު
ކޮމެންޓް 0