މާލެއާއި ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ވަރަށް އަވަހަށް ފަށަނީ
ދިވެހިރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަން މެދުވެރިކޮށް މާލެއާއި، ޕާކިސްތާނުގެ ކަރާޗީއާ ދެމެދު ވަރަށް އަވަހަށް ސީދާ ދަތުރުތައް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޕާކިސްތާނުގެ އިސްލާމްއާބާދުގައި މިއަދު ހަވީރު ބޭއްވުނު
މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026 ގައި ތަގުރީރުކުރައްވަމުންނެވެ.
އަހުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ
މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ހާރިޖީ ގުޅުން ފާހަގަކުރައްވަމުން
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެގައުމުގެ މެދުގައި އޮތް ހާރިޖީ އިތުބާރާއި
ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިގުތިސާދީ ގުޅުން އެންމެ
ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ.
އަދި ކުރިއަށް އޮތް ދެ
އަހަރުގެ ތެރޭގައި ދެގައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން
އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް
ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަހަރަކު ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން
ޒިޔާރަތްކުރާ ޖަޒީރާ ގައުމެއްގެ ޤައުމީ ސަލާމަތަށްޓަކައި، ހަރުދަނާ ސަޕްލައި
ޗެއިނެއް އޮތުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ކޯލްޑް ޗެއިން ލޮޖިސްޓިކްސްއާއި، ފިނިހޫނުމިން ކޮންޓްރޯލްކުރެވޭ ގުދަންތަކާއި،
ޒަމާނީ ފެންވަރުގައި ކާބޯތަކެތި ޕްރޮސެސްކުރުމުގެ އިތުރުން މޫސުމާ ރައްޓެހި
ދަނޑުވެރިކަމުގެ ޓެކްނޮލޮޖީގައި ވުނަކުރުމަށް އެމަނިކުފާނު ދައުވަތު ދެއްވިއެވެ.
ކަނޑުމަގުން ގުޅިފައި އޮންނަ ގުޅުމަކީ އިގުތިސާދުގެ
މައި ނާރެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސީދާ މިފަދަ
ރާސްތާތަކުން ގުޅާލުމަށް ގޮވާލައްވާފައެވެ. އަދި ވިޔަފާރިއާއި ދަތުރުފަތުރު
އިތުރަށް ފުޅާކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަން
މެދުވެރިކޮށް މާލެއާއި، ޕާކިސްތާނުގެ ކަރާޗީއާ ދެމެދު ވަރަށް އަވަހަށް ސީދާ
ދަތުރުތައް ފެށުމަށް އަމާޒުހިފާފައިވާކަންވެސް އެމަނިކުފާނު އިއުލާންކުރެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން
ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއަކީ ހަމައެކަނި މުދާ އެކްސްޕޯޓްކުރާ
މަންޒިލެއްގެ ގޮތުގައި ނުދެކި، ބައިނަލްއަގްވާމީ ބޮޑެތި މާކެޓްތަކަށް
އުފެއްދުންތަކާއި ހިދުމަތްތައް ފުޅާކުރުމަށް ބޭނުންކުރެވޭނެ މުހިންމު މަންސައެއްގެ
ގޮތުގައި ދެކުމަށް އިންވެސްޓަރުންނަށް އިލްތިމާސްކުރައްވާފައެވެ.
އަދި
އިންވެސްޓަރުންނަށް ފަހި، ވިޔަފާރިއާ ރައްޓެހި ރެގިއުލޭޓަރީ މާހައުލެއް
ގާއިމުކޮށްދިނުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން އެމަނިކުފާނު
ތަކުރާރުކުރެއްވިއެވެ.