ވަތަނީ ހިދުމަތް ވާނީ ޒުވާނުންގެ ކުރިމަގަށް އެޅިގެންދާ ހަރުދަނާ ބިންގަލަކަށް: ރައީސް
ރައީސް ވިދާޅުވީ، ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 125 ރަށަކަށް ނިސްބަތްވާ 288 ފިރިހެން އަދި 64 އަންހެން ޒުވާނުން މި ތަމްރީނުގައި ބައިވެރިވެފައިވާ ކަމަށް.
ދިވެހި
ވަތަނީ ހިދުމަތުގެ ޕްރޮގްރާމް ވަނީ ގައުމުގެ ޒުވާނުންގެ ކުރިމަގު ބައްޓަން
ކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ ބިންގަލަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ
ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު
މިހެން ވިދާޅުވީ، ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން ކުރިއަށްގެންދާ
ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގެ ހަތަރު ވަނަ ބެޗުގެ ތަމްރީނުތައް 352
ޒުވާނުންނާއެކު ރަސްމީކޮށް ފެށުމާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ރައީސް
ވިދާޅުވީ، ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 125 ރަށަކަށް ނިސްބަތްވާ 288
ފިރިހެން އަދި 64 އަންހެން ޒުވާނުން މި ތަމްރީނުގައި ބައިވެރިވެފައިވާ ކަމަށެވެ.
ރައީސް
ވަނީ، ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގެ ހަތަރުވަނަ ބެޗުގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށް
ކާމިޔާބަށް އެދިވަޑައިގަތުމާއެކު، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް ހިތްވަރާ އަޒުމާއެކު
މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެވަޑައިގެން ހުރިހާ ބައިވެރިންނަށް ހިތްވަރު
ދެއްވާފައެވެ.
"ދިވެހި
ގައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން މިއަދު
މިކުރާ މަސައްކަތް މާތް ﷲ ގެ ވާގިފުޅާއެކު ވެގެންދާނީ މި ގައުމުގެ ޒުވާނުންގެ
ކުރިމަގު ބައްޓަން ކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ ބިންގަލަކަށް." ރައީސް
ވިދާޅުވިއެވެ.
ދިވެހި ވަތަނީ ހިދުމަތަކީ ދިވެހި ގައުމިއްޔަތަށް
ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، ދިވެހި
ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަހްލާގު ރަނގަޅު ހަރުދަނާ ޒުވާން
ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
އިސްނަންގަވައިގެން ދިވެހިރާއްޖޭގައި މުޅިން އަލަށް ފަށައި ތަންފީޒުކުރަން ފެށުނު
ސިޔާސަތެކެވެ.
ފާއިތުވި
އެއް އަހަރު ދުވަހުގެ ތެރޭގައި، ނޭޝަނަލް ސަރވިސް އިނީޝިއޭޓިވްގެ ޓްރޭނިންގގެ
ތެރެއިން 1028 ދިވެހި ޒުވާނުން ވަނީ ތަމްރީނުވެފައެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ ދަރިވަރުން ދަސްވެނިވީ ޑިސެމްބަރު 2025ގައެވެ.