އދ. އަކީ އިތުބާރުކުރެވޭ، ޒިންމާދާރު މުއައްސަސާއަކަށް ވާން ޖެހޭނެ: ރައީސް
އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އދ) އަކީ، އިތުބާރުކުރެވޭ، ޒިންމާދާރު އަދި ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކުރުމުގެ މަތީގައި ސާބިތުވެ އޮންނަ މުއައްސަސާ އަކަށް ވާން ޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުންދާ އދ.ގެ 81 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އދ.ގެ އިތުބާރު ބިނާވެފައިވަނީ، އެއްގައުމު އަނެއް ގައުމަށް ކުރާ އިތުބާރާއި ޒިންމާދާރުކަމުގެ މައްޗަށް ކަމަށް ވީހިނދު، އެކަން ހާސިލުކުރެވޭނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ފުރިހަމަޔަށް އިހުތިރާމްކޮށް، ބައިނަލްއަގުވާމީ އުސޫލުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓައި، ގައުމުތަކުގެ މެދުގައި ކުރެވިފައިވާ މުއާހަދާތައް ފުރިހަމައަށް ތަންފީޒު ކުރެވިގެން ކަމުގައި ވިދާޅުވެފައިވެއެވެ.
އެހެންކަމުން، ސަރަޙައްދީ ސިޔާސީ ނުވަތަ ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން އިތުރުވުމާއި، ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޛުކުރުމުގައި ހަމަހަމަކަން ނެތުމާއި، އަދި ދުނިޔެއަށް އަންނަ ބަދަލުތަކާ އެއްވަރަށް، ގައުމުތައް ކުރިއަށްދިއުމުގައި ހުރި ގޮންޖެހުންތަކަކީ، އެ އިތުބާރު ގެއްލިގެންދާ ސަބަބުތަކެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިފަދަ ބައިބައިވުންތަކުގެ ސަބަބުން، ހާއްސަކޮށް ފަލަސްޠީނު ފަދަ ގައުމުތަކުގެ އިންސާނިއްޔަތަށް ލިބެމުންދާ ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އަލިއަޅުއްވާ ލައްވާފައިވެއެވެ.
މީގެ އިތުރުން، ތަރައްގީވަމުންއަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްގެ ކުރިއެރުމަށާއި ވިލުންތެރިކަމަށް ދިމާވެފައިހުރި ހުރަސްތަކުގެ ގޮތުގައި، މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ހަމަހަމަކަމާއެކު ނުލިބުމާއި، ދެމެހެއްޓެނިވި ނޫންގޮތުގައި ނެގޭދަރަނި ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމަ މިއާއެކު، ދިވެހިރާއްޖޭގެ މުސްތަގުބަލު ކަނޑައެޅުމުގެ މިނިވަންކަމާ އެއްވަރަށް، ގައުމީ އަމާޒުތަކާއި އުންމީދުތައް ހާސިލުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މަގުތައް ފަހިވެފައި އޮތުމަކީ، 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްގީވެފައިވާ ގައުމަކަށް ވުމަށް، ރާއްޖެއިން ކުރާ އުންމީދު ހާސިލުކުރުމަށް ލިބިގެންދާނެ އިތުރު ބާރެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެ އަމާޒަށް ވާސިލު ވުމަށްޓަކައި، ރައްޔިތުންގެ ކުރިއެރުމަށް ވުނަކުރުމަށާއި، އިގުސާދު ވަރުގަދަކުރުމަށް، އަދި ރާއްޖެއިން ބޭރުން ކުރިމަތިވާ ގޮންޖެހުންތަކާ ދެކޮޅަށް، ވިލުންތެރިކަމާއެކު މަސައްކަތްކުރުމަށް މަގުފަހިކޮށްދިނުމުގެ ބޭނުންތެރިކަން އެމަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ.
އދ. އަކީ ހުރިހާ ދައުލަތްތަކެއްގެ ހައްގުތަކަށް އިހުތިރާމްކުރާ، ހުރިހާ ގައުމެއްގެ އަޑުއަހާ، އަދި އެއްވެސް ގައުމެއްގެ މުސްތަގުބަލު، އެހެން ގައުމެއްގެ ނުފޫޒުން ކަނޑަނޭޅޭނެ ގޮތަކަށް މަގުފަހިކޮށްދޭ، ޖަމާއަތެއްގެ ގޮތުގައި ދެމިއޮތުމުގެ މުހިންމުކަންވެސް، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަ ކުރައްވާފައިވެއެވެ.
މެސެޖު ނިންމަވާލައްވަމުން، ސުލްހަ މަސަލަސްކަމަށް އިހުތިރާމްކުރުމާއި، ޢަދުލުއިންސާފު ގާއިމުކުރުމާއި، އަދި ކޮންމެ ދައުލަތަކަށްވެސް އެ ދައުލަތެއްގެ މުސްތަގުބަލު އަމިއްލައަށް ބައްޓަންކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން މަސައްކަތްކުރުމުގައި ދިވެހިރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.