އިގުތިސާދުގެ އެންމެ އިސް ދައުރެއް އަދާކުރާނީ އުފެއްދުންތެރި ރައްޔިތުން: ވަޒީރު ސަޢީދު

"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވަޒީރު މުޙައްމަދު ސަޢީދު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވަޒީރު މުޙައްމަދު ސަޢީދު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އިގުތިސާދުގެ އެންމެ އިސް ދައުރެއް އަދާކުރާނީ ރާއްޖޭގެ އުފެއްދުންތެރި ރައްޔިތުން ކަމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އަލަށް ވިޔަފާރިއަށް ވަންނަން ބޭނުންވާ ފަރާތްތަކާއި، ބިނާކުރަނިވި ހިޔާލުތައް ކޮންމެވެސް ކަހަލަ ނަފާވެރި ކަމަކަށް ބަދަލުކުރަން ބޭނުންވާނެ ޒުވާނުންނަށްޓަކައި ރައީސް ކުރެއްސެވި ތަސައްވުރަކީ 2030 ވަނަ އަހަރަށް ދާއިރު މުޅި ޖީޑީޕީގެ 15 އިންސައްތަ އާމްދަނީ، ކްރިއޭޓިވް އިންޑަސްޓްރީއިން ލިބޭ މިންވަރަށް އެ ސިނާއަތް ފުޅާކުރެއްވުން ކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، އިރާދަކުރެއްވިއްޔާ މީގެ ކުރިން ދުވަހަކުވެސް ނުބޭއްވޭ ވަރުގެ ފުރިހަމަ، ބޮޑު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒެއް މި އަހަރު ބޭއްވިގެންދާނެ ކަމަށާއި، އެ މައުރަޒު މިރޭ ހުޅުވިގެންދާނެ ކަމަށެވެ.

މިދިޔަ އަހަރުގެ މައުރަޒުގައި 2،467 ޕްރޮޑަކްޓް ބައިވެރިކުރިއިރު، މި އަހަރު 4،400 ޕްރޮޑަކްޓް ވަނީ ބައިވެރިކޮށްފައެވެ. އަދި މި ޕްރޮޑަކްޓްތައް ބައިވެރިކުރުމުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ބައިވެރިވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މިދިޔަ އަހަރުގެ މަޢުރަޒުގައި 240 މީހުން ބައިވެރިވިއިރު، މި އަހަރު އެ އަދަދު ވަނީ 600 ފަރާތަކަށް އިތުރުވެފައެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފަސް ޑިސްޓްރިކްޓަކަށް ބެހިގެން މިދިޔަ އަހަރު މި މައުރަޒު ކުރިއަށްދިޔައިރު، މި އަހަރު އެ އަދަދު ވަނީ ހަތް ޑިސްޓްރިކްޓަކަށް އިތުރުވެފައެވެ. އޭގެ ތެރޭގައި މި ފަހަރު "ވިޒިޓަރ އިކޮނޮމީ" ޑިސްޓްރިކްޓަކާއި "އިންޓަރނޭޝަނަލް ޑިސްޓްރިކްޓް" ވަނީ ގާއިމްކޮށްފައެވެ.

"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ރަސްމީކޮށް އިފްތިތާހުކުރުމަށް ހަމަޖެހިފައިވަނީ މިރެއެވެ. މުޅިއެކު ހަތް ޑިސްޓްރިކްޓްއެއް ހިމެނޭ ގޮތަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ނުވަ ދުވަހުގެ މުއްދަތަށް މި މައުރަޒު ކުރިއަށްދާނެއެވެ.     

މޯލްޑިވްސް އެކްސްޕޯ 2026ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026މޯލްޑިވްސް އެކްސްޕޯދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުވަޒީރު ސަޢީދުއިގުތިސާދީ ވަޒީރު ސަޢީދު
ގުޅުންހުރި ޚަބަރު
ކޮމެންޓް 0