ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގައި އެހީތެރިވެދެއްވި ފަރާތްތަކަށް ރައީސްގެ ޝުކުރު
ށ. ފުނަދޫގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި
ރަށާއި، ގެދޮރާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އެހީތެރިކަން ފޯރުކޮށްދެއްވި
ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު
އަދާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ހިއްސާކުރެއްވި
މެސެޖުގައި ވިދާޅުވީ، ށ. ފުނަދޫގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ހަބަރު އަޑުއެއްސެވީ
ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާއެކު ކަމަށެވެ. މިފަދަ ހާލަތްތަކުން މި ގައުމާއި
ރައްޔިތުން ސަލާމަތްކޮށްދެއްވައި، ރައްކާތެރިކަން އަބަދުމެ މިންވަރުކޮށްދެއްވުން
އެދި މާތްﷲގެ ހަޟްރަތުގައި ދުއާ ދަންނަވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
"މި ކުރިމަތިލި ކުއްލި އަދި އުނދަގޫ
ހާލަތުގައި، ވަގުތުން އިޖާބަދެއްވައި، ރަށާއި ގެދޮރާއި ރައްޔިތުންގެ
ސަލާމަތަށްޓަކައި ދެއްވި ބޮޑު އެހީތެރިކަމަށްޓަކައި، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަށާއި، ދިވެހި ފުލުހުންގެ ހިދުމަތަށާއި، ފުނަދޫ އެއާޕޯޓާއި މާފަރު އެއާޕޯޓު
އަދި ޖޭ.ޑަބްލިޔު. މެރިއޮޓްގެ ފަޔަރ އެންޑް ރެސްކިޔު ޓީމުތަކާއި، ށ. އަތޮޅު
ހޮސްޕިޓަލާއި، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓްކޯއާއި، ފުނަދޫ ކައުންސިލާއި
ސަރުކާރުގެ އިދާރާތަކާއި، އަދި ފުނަދޫގެ އެކުވެރި ލޮބުވެތި ރައްޔިތުންނަށް،
ތިޔަދެއްވި އެއްބާރުލެއްވުމުގެ އަގު ވަޒަންކޮށް، ވަރަށް އިހުލާސްތެރިކަމާއެކު
ޝުކުރު ދަންނަވަން."
ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ހާދިސާގައި
އެކިވަރުގެ އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކާއި ދުޅަހެޔޮކަމަށް އެދޭ
ކަމަށާއި، އަދި މުދަލަށް ގެއްލުން ލިބުނު ފަރާތްތައް، މާތްﷲގެ ހެޔޮ
ރަޙްމަތްފުޅާއެކު އާންމު ހާލަތަކަށް އަވަހަށް ރުޖޫއަވާނެކަމަށް އުންމީދުކުރައްވާ
ކަމަށެވެ. މި ހުރިހާ ފަރާތްތަކުގެ ލޮބުވެތި އާއިލާތަކަށްވެސް ކެތްތެރިކަމާއި
ހަމަޖެހުން މިންވަރުކުރެއްވުމަށް އެދި ރައީސް ވަނީ ދުއާ ދަންނަވާފައެވެ.
އަލިފާނުގެ ހާދިސާގައި 16 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާއިރު،
އެކިވަރުގެ އަނިޔާތައް ލިބުނު މީހުންގެ ތެރެއިން ހަ މީހަކު ވަނީ ފިހިފައެވެ. ފިހުނު
މީހުންގެ އިތުރުން، ދުމުގެ އަސަރުކޮށްގެންވެސް ބައެއް މީހުންނަށް ވަނީ ފަރުވާ ދޭން
ޖެހިފައެވެ. އަދި ބައެއް މީހުން ހޭނެތިގެންވެސް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން
ޖެހުނެވެ. މީގެ އިތުރުން، އެ ހާދިސާގައި އަލިފާން ނިއްވަން އުޅުނު ބައެއް ފަޔާ
ފައިޓަރުންނަށްވެސް ފަރުވާ ދޭން ޖެހުނެވެ.