ނަސްރުގެ ދުވަހުގެ އަސްކަރީ ހަރަކާތްތައް ރައީސްގެ ދެކަނބަލުން ޝަރަފްވެރިކޮށްދެއްވައިފި
ދިވެހިރާއްޖޭގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު، ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔަ ސިފައިންގެ އަސްކަރީ ހުށަހެޅުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައްލަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން، އެ ދެކަނބަލުންނާ އިސްތިގުބާލުކުރެއްވީ، ދިފާއީ އަދި ވަތަނީ ހިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
މިއަދުގެ ހަރަކާތްތައް ރަސްމީ ގޮތުން ފެށުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަށް ރިޔާސީ ކުރުނީހެއް އެރުވުނެވެ. އެއަށްފަހު އޮތީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ އަސްކަރީ ހުށަހެޅުމެއް ދައްކާލުމެވެ.
މި އަސްކަރީ ހުށަހެޅުމަށްފަހު، ކުރިޔަށްދިޔައީ ސިފައިންގެ މިލިޓަރީ ބޭންޑުން ތައްޔާރުކޮށްފައިވާ ހުށަހެޅުމެކެވެ. މި ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން މިއަދު ކުރިޔަށްދިޔަ އަސްކަރީ ހަރަކާތުގެ ބައިވެރިންނާއެކު ނެގި ފޮޓޯއެއްގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަހީމް ޢަބްދުﷲ އާއި އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދާއި ދައުލަތުގެ ވަޒީރުންނާއި، ދައުލަތުގެ އިސްވެރިންނާއި، އިއްޒަތްތެރިން ބައިވެރިވެވަޑައިގަތެވެ.