ބަޔޯޑީސަލް އުފެއްދުމާ ގުޅޭ އެމްއޯޔޫއެއްގައި އައްޑޫ ސިޓީ ކައުންސިލުން ސޮއިކޮށްފި
މިއީ އުކާލެވޭ ކައްކާ ތެލުން 99.9 އިންސައްތަ ސާފު ރީސެލް ހަކަތަ އުފެއްދުމާ ގުޅޭ މަސައްކަތެއް
ރާއްޖޭގައި ސާފު ބަޔޯޑީސަލް އުފެއްދުމާ ގުޅޭގޮތުން އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއްގައި އައްޑޫ ސިޓީ ކައުންސިލުން ޖަޕާނުގެ
ކެއިނާން-ކްލީން ކޯ ލިމިޓެޑާއެކު
ސޮއިކޮށްފިއެވެ.
މި ފަހުމުނާމާ އަކީ "ރީސެލް" ނަމަކަށް ކިޔާ މަތީ ފެންވަރުގެ ބަޔޯޑީސަލް އުފެއްދުމަށް ކުރެވިދާނެ މަސައްކަތްތައް ދެނެގަތުމަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ.
ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި، ރީސެލް އަކީ އުކާލެވޭ ކައްކާ ތެޔޮ ބޭނުންކޮށްގެން، ހާއްސަ ޓެކްނޮލޮޖީއެއްގެ އެހީގައި އުފައްދާ 99.9 އިންސައްތަ ސާފު ބަޔޯޑީސަލްއެކެވެ.
ޖަޕާނުގެ ގިފޫ ޕްރިފެކްޗާގެ އެނާ ސިޓީއަށް ނިސްބަތްވާ ކެއިނާން-ކްލީން ކުންފުނިން ރާއްޖޭގައި މި މަސައްކަތް ވިޔަފާރި އުސޫލުން ކުރިއަށް ގެންދިއުމާ ގުޅޭ ދިރާސާއެއް 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2028 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ދިރާސާގެ ތެރެއިން ރާއްޖެއިން އުކާލާ ކައްކާ ތެޔޮ އެއްކޮށްގެން ރީސެލް އުފެއްދުމާއި، ރާއްޖޭގެ ސަޕްލަޔަރުން މެދުވެރިކޮށް ބޭނުންކުރާ ފަރާތްތަކަށް އެ ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމު ތަޖުރިބާކޮށް، ވިޔަފާރީގެ އޮނިގަނޑެއް އެކުލަވާލާނެއެވެ.
ޖައިކާއިން ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި ކަރަންޓު އުފެއްދުމަށާއި ކަނޑުދަތުރުފަތުރުގެ އިތުރުން ބަރު އުޅަނދުފަހަރު ދުއްވުމަށް މައިގަނޑު ގޮތެއްގައި ބަރޯސާވަނީ އެތެރެކުރާ ޑީސަލަށެވެ. ގަސްގަހާގެހިން އުފައްދާ ކައްކާ ތެލުން ތައްޔާރުކުރާ ރީސެލް އެންދުމުން ޖައްވަށް ބޭރުވާ ކާބަން ޑައިއޮކްސައިޑްގެ މިންވަރު ސުމަކަށް ތިރިކުރެވޭއިރު، ކަޅު ދުމާއި ސަލްފާ އޮކްސައިޑް ބޭރުވާ މިންވަރުވެސް ބޮޑުތަނުން ދަށްކުރެވެއެވެ.
މީގެ އިތުރުން، ރާއްޖޭގައި އުކާލެވޭ ކައްކާ ތެޔޮ މިހާރު ގިނައިން އަޅަނީ ކާނުތަކަށާއި ފާޚާނާތަކަށް ނުވަތަ އާންމު ކުނީގެ ތެރެއަށް ކަމަށްވާތީ، މި މަޝްރޫއުގެ ސަބަބުން ކަނޑު ތަޣައްޔަރުވުން ކުޑަކުރުމަށްވެސް އެހީތެރިކަން ލިބޭނެ ކަމަށް އެ އެޖެންސީން ބުނެއެވެ.