ކައްކާ ތެލުން ބަޔޯޑީސަލް އުފައްދަން ހުޅުދޫ ކައުންސިލުން މަޝްވަރާކޮށްފި
ކެއިނާން ކްލީން ކުންފުނިން ހުށަހެޅި ދެ ޕްލޭނެއްގެ ތެރެއިން ހުޅުދުއަށް އެންމެ އެކަށީގެންވާ ގޮތެއް ކަނޑައެޅުމަށް ވަނީ ވާހަކަދައްކާފައި
ބޭނުންކޮށްފައި ހުންނަ ކައްކާ ތެލުން ބަޔޯޑީސަލް އުފެއްދުމުގެ މަޝްރޫއަކާ ގުޅޭގޮތުން އައްޑޫ ހުޅުދޫ ކައުންސިލުން މަޝްވަރާކޮށްފިއެވެ.
ދެމެހެއްޓެނިވި ހަކަތައިގެ ހައްލެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ހުށަހަޅާފައިވާ މި މަޝްރޫއާ ގުޅޭގޮތުން އެ ކައުންސިލުން ބައްދަލުކޮށްފައިވަނީ ޖަޕާނުގެ ކެއިނާން ކްލީން ކޯ ލިމިޓެޑްގެ މަންދޫބުންނާއެވެ.
މި ބައްދަލުވުމުގައި ކެއިނާން ކްލީން ކުންފުނީގެ ފަރާތުން ވަނީ މި މަޝްރޫއު ތަންފީޒުކުރާނެ ދެ ގޮތެއް ކަމަށްވާ ޕްލޭން އޭ އަދި ޕްލޭން ބީ ކައުންސިލަށް ހުށަހަޅާފައެވެ. އެ ހުށަހެޅުންތަކަށްފަހު، ހުޅުދޫގެ ހާލަތާއި ރަށުގެ ބޭނުންތަކަށް ރިއާޔަތްކޮށް، އެ ރަށަށް އެންމެ އެކަށީގެންވާ ގޮތެއް ކަނޑައެޅުމާ ގުޅޭގޮތުން ދެ ފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
އަދި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމަށާއި، ޒިންމާދާރު ގޮތެއްގައި ކުނި މެނޭޖްކުރުމުގެ އިތުރުން ތިމާވެއްޓާ ރައްޓެހި އާ ހައްލުތައް ހުޅުދުއަށް ތައާރަފުކުރުމަށް މި ހުށަހެޅުމުގެ ސަބަބުން މަގުފަހިވާނެކަން ފާހަގަކޮށް، ހުޅުދޫ ކައުންސިލުން ވަނީ އެ ކުންފުނީގެ ހުށަހެޅުމަށް މަރުހަބާ ކިޔާފައެވެ.
ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ކެއިނާން ކްލީން ކުންފުނިން ދަނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2028 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ރާއްޖޭގައި ބަޔޯޑީސަލް އުފެއްދުމާ ގުޅޭ ދިރާސާއެއް ކުރަމުންނެވެ.
މި މަޝްރޫއުގެ ދަށުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) މެދުވެރިކޮށް ރިސޯޓުތަކާއި ކާބޯތަކެތި ވިއްކާ ތަންތަނާއި ގޭބިސީތަކުން އުކާލާ ކައްކާ ތެޔޮ އެއްކޮށްގެން، 99.9 އިންސައްތަ ސާފު ބަޔޯޑީސަލް ކަމަށްވާ ރީސެލް އުފެއްދުމަށް ވަނީ ރާވާފައެވެ. ޖައިކާއިން ބުނެފައިވާ ގޮތުގައި، މީގެ މަގުސަދަކީ ރާއްޖެއަށް އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމާއި، ކަނޑަށް ތެޔޮ އެޅުމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް މަދުކުރުމެވެ.