ހުޅުދޫގައި މިފްކޯގެ މަސްފިހާރައެއް ހުޅުވީ ރައްޔިތުންގެ ދަތިތަކަށް ހައްލެއް ހޯދައިދޭން: ސީއީއޯ އަނަސް

ހުޅުދޫގައި މިފްކޯގެ މަސްފިހާރައެއް ހުޅުވީ ރައްޔިތުންގެ ދަތިތަކަށް ހައްލެއް ހޯދައިދޭން: ސީއީއޯ އަނަސް

މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް.
މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އައްޑޫ ހުޅުދޫގައި އެ ކުންފުނީގެ މަސްފިހާރައެއް ހުޅުވީ ރައްޔިތުން އެކަމަށް ބޭނުންވެ، ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދެއްވުމުގެ ގޮތުން ކަމަށް މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް ވިދާޅުވެއްޖެއެވެ.

ހުޅުދޫގައި މަސްފިހާރަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަނަސް ވިދާޅުވީ، ބަނދަރު ސަރަހައްދުގައި ހިންގަމުންދާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއާއި ރައްޔިތުން ދިރިއުޅޭ ހިސާބާ ދުރުވުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ރައްޔިތުން ވަނީ ވަރަށް ބޮޑަށް އެދެމުން އަންނަ ކަމަށެވެ. އަދި ރަށު ތެރެއިން ފަސޭހައިން ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީވެސް ރައްޔިތުންގެ އެދުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މިއަދު އަޅުގަނޑުމެން މި އިޖާބަދެނީ ރައްޔިތުންގެ އެ އެދުމަށް. އެގޮތުން، ބަނދަރުގައި ހުރި ފިހާރަ މަސްވެރިންނަށް ޚިދުމަތް ދިނުމަށް ޚާއްސަކޮށް، ރަށުގެ އާންމު ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު މިފްކޯގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މި ހުޅުވުނު ފިހާރައަކީ، ރައްޔިތުންގެ އެދުމަށް ދެވުނު އަމަލީ ޖަވާބެއް ކަމުގައި ދެކެން،" ސީއީއޯ އަނަސް ވިދާޅުވިއެވެ.

މީގެ އިތުރުން، ހަމައެކަނި ފިހާރައެއް ހުޅުވުމަކުން މިފްކޯގެ މަސައްކަތް ނިމުނީ ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށް ސީއީއޯ މުޙައްމަދު އަނަސް ވިދާޅުވިއެވެ. އެގޮތުން އެ ފިހާރަތަކުން މިފްކޯގެ އުފެއްދުންތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭކަން ކަށަވަރުކުރުމަކީވެސް އެ ކުންފުނީގެ މެނޭޖްމަންޓުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. 

އަދި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ މަސްފިހާރަތަކަށް ބޭނުންވާ އުފެއްދުންތައް ފޯރުކޮށްދިނުމަށްޓަކައި، އައްޑޫގައި ލޯކަލް ޕްރޮޑަކްޝަން ހައުސްއެއް ގާއިމުކުރުމަށް ނިންމާފައިވާކަން އޭނާ އިއުލާންކުރެއްވިއެވެ.

"ހަމައެކަނި ފިހާރައެއް ހުޅުވުމަކުން އަޅުގަނޑުމެންގެ މަސައްކަތް ނިމުނީ ނޫން ކަމުގައި ދަންނަވަން. އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ މަސްފިހާރަތަކަށް ބޭނުންވާ އުފެއްދުންތައް މެދުކެނޑުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި، އައްޑޫގައި ލޯކަލް ޕްރޮޑަކްޝަން ހައުސްއެއް ގާއިމުކުރުމުގެ މަސައްކަތް ރޭވި، ކުރިއަށްދާކަން މި ފުރުސަތުގައި ފާހަގަކޮށްލަން،" ސީއީއޯ ވިދާޅުވިއެވެ.

މިފްކޯއިން އައްޑޫގައި ގާއިމުކުރުމަށް ނިންމާފައިވާ މި ލޯކަލް ޕްރޮޑަކްޝަން ހައުސްގެ ސަބަބުން އެ ސަރަހައްދުގެ އިގުތިސާދަށް އާ ދިރުމެއް ލިބި، ވަޒީފާގެ އާ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށްވެސް މިފްކޯގެ ސީއީއޯ އަދި އެމްޑީ އަނަސް ފާހަގަކުރެއްވިއެވެ.

ހުޅުދޫގައި މިފްކޯގެ މަސްފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިފްކޯގެ ސީއީއޯ އަނަސް އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ. މި ރަސްމިއްޔާތުގައި ހުޅުދޫ އާއި މީދޫގެ މުއައްސަސާތަކުގެ ވެރިންނާއި، ދެރަށުގެ އާންމު ރައްޔިތުން ބައިވެރިވިއެވެ.  

ހުޅުދޫއައްޑޫ ހުޅުދޫ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0