ހުޅުދޫ ޑަބްލިއުޑީސީ ބައި-އިލެކްޝަނުގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީވުމަށް ހުޅުވާލައިފި
މި ހިނގާ ނޮވެންބަރު މަހުގެ 28 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ބައި-އިލެކްޝަންތައް ހިމެނޭހެން، އައްޑޫ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށް ވޯޓުލުމަށް މިހާރު ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން އެދޭ ފަރާތްތަކަށް ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ރީ-ރަޖިސްޓަރީވުމުގެ މުއްދަތު ހަމަވާނީ 5 ނޮވެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އަށެވެ.
މި ފުރުސަތުގައި ރީ-ރަޖިސްޓަރީވާން ޖެހޭނީ، އެންމެ ފަހުން ބޭއްވުނު އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ރަށް ނުވަތަ ތަން ފިޔަވައި އެހެން ތަނެއްގައި، މިފަހަރުގެ ބައި-އިލެކްޝަނުގައި ވޯޓުލާން އެދޭ ފަރާތްތައް އެކަންޏެވެ.
އެ ކޮމިޝަނުން ބުނީ، މީގެކުރިން ރިސޯޓުތަކާއި، ޖަލުތަކުގެ އިތުރުން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް، މިފަހަރުގެ ވޯޓުލުމަށް އޮޓޮމެޓިކުން ރަޖިސްޓަރީވެފައިވާނީ އެ ފަރާތެއްގެ ދާއިމީ އެޑްރެހަށް ކަމަށެވެ.
މީގެއިތުރުން، 2026 ވަނަ އަހަރު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި މާލެ އަދި ވިލިމާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް މިފަހަރު ހިމެނިފައިވާނީ މާލޭގެ ލިސްޓުގައެވެ. އަދި ހުޅުމާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް ރަޖިސްޓަރީވެފައިވާނީ މި އިންތިހާބުގައިވެސް ހުޅުމާލެއަށެވެ.
ކޮންގްރެސް ޕާޓީގެ ފަރާތުން އައްޑޫ ހުޅުދޫ މި ބައި-އިލެކްޝަނުގައި ވާދަކުރަނީ ސ. ހުޅުދޫ، ސެލްޓަންގެ ފާޠިމަތު ނަބާހާ (ނައްބޫ)އެވެ. އެމްޑީޕީން ވާދަކުރަނީ ސ. ހުޅުދޫ، އަންބަރީގެ ފާޠިމަތު މުނީރެވެ. ނަންތައް ތަރުތީބުކުރުމުން ޕީއެންސީގެ ކެންޑިޑޭޓް ނަބާހާ އަށް ލިބުނީ ކެންޑިޑޭޓު ނަންބަރު އެކެކެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް ފާޠިމަތު މުނީރަށް ލިބުނީ ކެންޑިޑޭޓު ނަންބަރު ދޭކެވެ.
މި ފަހަރުގެ ބައި-އިލެކްޝަންތަކުގެ ތެރެއިން ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަން ބާއްވަނީ ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވެފައިވާތީއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ވަށަފަރު، ވ. ތިނަދޫ އަދި ސ. ހުޅުދޫގައެވެ.
ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ޗެކްކުރުމަށްޓަކައި، VR ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވައި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވުމަށްފަހު 1414 އަށް އެސްއެމްއެސް ކުރެވޭނެއެވެ. އަދި މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުގެ އޮންލައިން ރަޖިސްޓަރީ ޕޯޓަލް މެދުވެރިކޮށް ވެސް މި މައުލޫމާތު ބެލޭނެއެވެ.
ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހެޅޭނީ އިލެކްޝަންސް ކޮމިޝަނުގެ 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' ނުވަތަ 'މައި ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށެވެ. އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އެ ކޮމިޝަނުގެ ހޮޓްލައިން 1414 އަށް ގުޅުމަށް ވަނީ އެދިފައެވެ.
އަދި ވޯޓުލުމުގެ ހައްގު ލިބިފައިވާ އެންމެހައި ފަރާތްތަކުން ވެސް، ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ރަޖިސްޓަރީވެފައިވާ ތަން ކަށަވަރުކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ބައި-އިލެކްޝަނުގައި އައްޑޫ ހުޅުދޫ ދާއިރާއިން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 2،903 އެވެ.