ޑަބްލިއުޑީސީ ބައި-އިލެކްޝަން: އައްޑޫ ހުޅުދޫގައި ތިން ވޯޓު ފޮށި ބަހައްޓަނީ

އައްޑޫގައި މީގެކުރީން ބޭއްވި އިންތިހާބެއްގެ ތެރެއިން. ފޮޓޯ: އިލެކްޝަންސް ކޮމިޝަން
އައްޑޫގައި މީގެކުރީން ބޭއްވި އިންތިހާބެއްގެ ތެރެއިން. ފޮޓޯ: އިލެކްޝަންސް ކޮމިޝަން

މި މަހު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ތެރެއިން އައްޑޫ ހުޅުދޫ ދާއިރާއިން ހުސްވެފައިވާ ޑަބްލިއުޑީސީގެ މެންބަރުގެ މަގާމަށް އިންތިހާބުކުރުމަށް ހުޅުދޫގައި 03 ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މި ފަހަރުގެ ބައި-އިލެކްޝަންތަކުގެ ތެރެއިން ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަން ބާއްވަނީ ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވެފައިވާތީއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ވަށަފަރު، ވ. ތިނަދޫ އަދި ސ. ހުޅުދޫގައެވެ.

މި ބައި-އިލެކްޝަނުގައި ބަހައްޓާ 10 ވޯޓު ފޮށީގެ ތެރެއިން 03 ވޯޓު ފޮށި އައްޑޫ ހުޅުދޫގައި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، މާލޭގައި ބަހައްޓާ 05 ވޯޓު ފޮއްޓާއި ވަށަފަރުގައި ބަހައްޓާ ފޮއްޓާއި ތިނަދޫގައި ބަހައްޓާ ފޮއްޓެއް ހިމެނެއެވެ. މީގެތެރެއިން، މާލޭގައި ބަހައްޓާ ފަސް ވޯޓު ފޮށީގެ ތެރެއިން ދެ ވޯޓު ފޮށި ހާއްސަކޮށްފައިވަނީ އައްޑޫ ހުޅުދޫގެ ރައްޔިތުންނަށެވެ. 

މާލޭގައި ވޯޓު ފޮށިތައް ބަހައްޓަން ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލާއި ހުޅުމާލެ ސީއެޗްއެސްއީގައެވެ. އަދި އައްޑޫ ހުޅުދޫގައި ވޯޓު ފޮށިތައް ބަހައްޓާނީ އެ ރަށުގެ ކޮމިއުނިޓީ ސެންޓަރުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. 

މީގެތެރެއިން، އައްޑޫގައި ބަހައްޓާ ހުޅުދޫ 1 ނަންބަރު ވޯޓު ފޮށި ކޮމިއުނިޓީ ސެންޓަރުގެ ކްލާސް ރޫމް އެކެއްގައި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، ހުޅުދޫ 2 ނަންބަރު ވޯޓު ފޮށި ހުންނާނީ ޒުމްބާ ކްލާސް ރޫމުގައެވެ. އަދި، ހުޅުދޫގެ 3 ނަންބަރު ވޯޓު ފޮށި ހުންނާނީ ކޮމިއުނިޓީ ސެންޓަރުގެ ހޯލުގައެވެ. މީގެއިތުރުން، އައްޑޫ ހުޅުދޫ މީހުންނަށް ހާއްސަކޮށް، މާލޭގައި ބަހައްޓާ ދެ ވޯޓު ފޮށި ހުންނާނީވެސް ކަލާފާނު ސްކޫލުގައެވެ.

ކޮންގްރެސް ޕާޓީގެ ފަރާތުން އައްޑޫ ހުޅުދޫ މި ބައި-އިލެކްޝަނުގައި ވާދަކުރަނީ ސ. ހުޅުދޫ، ސެލްޓަންގެ ފާޠިމަތު ނަބާހާ (ނައްބޫ)އެވެ. އެމްޑީޕީން ވާދަކުރަނީ ސ. ހުޅުދޫ، އަންބަރީގެ ފާޠިމަތު މުނީރެވެ. ނަންތައް ތަރުތީބުކުރުމުން ޕީއެންސީގެ ކެންޑިޑޭޓް ނަބާހާ އަށް ލިބުނީ ކެންޑިޑޭޓު ނަންބަރު އެކެކެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް ފާޠިމަތު މުނީރަށް ލިބުނީ ކެންޑިޑޭޓު ނަންބަރު ދޭކެވެ.   

ބައި-އިލެކްޝަނުގައި އައްޑޫ ހުޅުދޫ ދާއިރާއިން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 2،903 އެވެ. 

މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މި މަހުގެ 28ވަނަ ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 04:00އާ ހަމައަށެވެ. 

އައްޑޫ ސިޓީއައްޑޫހުޅުދޫބައި-އިލެކްޝަންއީސީއައްޑޫ ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިލެކްޝަންސް ކޮމިޝަންޑަބްލިއުޑީސީވޯޓު ފޮށި
ގުޅުންހުރި ޚަބަރު
ކޮމެންޓް 0