ލިންކްރޯޑުގެ މަސައްކަތާއި ހަވާލުވި، ރޯޓައިމްގެ އިސްވެރިން އައްޑޫގައި

ރޯޓައިމްގެ އިސްވެރިންނާއި އެކު މެންބަރު އިސްމާއިލް ނިޒާރު އަދި މެންބަރު އިބްރާހިމް ދީދީ.
ރޯޓައިމްގެ އިސްވެރިންނާއި އެކު މެންބަރު އިސްމާއިލް ނިޒާރު އަދި މެންބަރު އިބްރާހިމް ދީދީ.

އައްޑޫ ލިންކް ރޯޑުގެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާގެ ރޯޓައިމް އިންޖިއަރިންގެ ވެރިން އައްޑޫ ސިޓީގައި ހަރަކާތްތެރިވަމުން އެބަގެންދެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯޓައިމްގެ އޮފިޝަލުން އައްޑޫއަށް އައީ ފާއިތުވި ހަފްތާގެ ތެރޭގައެވެ. 

އެކުންފުނީގެ ފަރާތުން މިހާރު ވަނީ އައްޑޫގައި އިނީޝިއަލް ސާވޭގެ މަސައްކަތްތައް ވެސް ކުރިއަށް ގެންގޮސްފައެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯޓައިމް އިން ގެންދަނީ އައްޑޫގައި ބައެއް ބައްދަލުވުންތައް ބާއްވަމުންނެެވެ. އެގޮތުން މިއަދު ރޯޓައިމްގެ އިސްވެރިންނާއި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އާއި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ވެސް ވަނީ ބައްދަލުކުރައްވާފައެވެ.

އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ރޯޓައިމްގެ މެނޭޖިންގ ޑިރެކްޓަރުގެ އިތުރުން، މިނިސްޓްރީ އޮފް އިންފުރާސްޓަރަކްޗާ ހައުސިން އެންޑް އާރބަން ޑިވެލޮޕްމެންޓްގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރޯޓައިމްގެ އެހެން އޮފިޝަލުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ރޯޓައިމް އަކީ ހަލާކުވެފައިވާ އައްޑޫ ލިންކްރޯޑް އަލުން ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާ ކުންފުންޏެވެ. 

ރޯޓައިމް އާއި ހަވާލުކޮށްފައިވާ މަޝްރޫޢުގެ ދަށުން ޑީޓުއަރ ބުރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމްއާ ހަމައަށް އޮންނަ 12.3 ކިލޯމީޓަރުގެ ލިންކް ރޯޑު 4 ލޭނަށް ފުޅާކޮށް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. ވަޒީރު ޑރ. މުއްޠަލިބު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި މަގުގެ ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާނީ މަގު އެއްކޮށް ބަންދުނުކޮށެވެ.

 
މި މަޝްރޫޢަކީ މުޅި އައްޑޫ ސިޓީއަށް އަމާޒުކޮށްގެން ހިންގޭ ބޮޑު މަޝްރޫޢެކެވެ. މީގެ ތެރޭގައި ޖުމްލަ 3 މަގެއްގެ މަސައްކަތާއެކު 67.58 ކިލޯމީޓަރުގެ މަގު ހެދުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުން ހިމެނެއެވެ. އަދި ސީޓީބީ މަގުތައް ތާރުއަޅައިގެން ތަރައްޤީކުރުމާއި، މިހާރު ހުރި ތާރު މަގުތަކުގެ މަތީގައި އިތުރު ފަށަލައެއް އެޅުމުގެ އިތުރުން ގައު އަތުރާފައިވާ މަގުތަކުގައި ތާރުއެޅުންވެސް ހިމެނެއެވެ.

އައްޑޫ ލިންކް ރޯޑު އަލުން ތަރައްޤީކުރުމުގެ ތެރެއިން 150 މިލިމީޓަރުގެ ސީޓީބީ ފަށަލައަކާއެކު 40 މިލިމީޓަރުގެ ބޯމިނުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، މިހާރު ހުރި ދުވާރުތަކާއި ތާރުތައް ކޮނެގެން ނެގުމާއި، ހައިވޭގެ 4 ލޭން ހިމެނޭ ސަރަޙައްދުތައް ސާފުކުރުމާއި، ދުވާރު ހެދުމާއި، މަގުމަތީގެ ނިޝާންތައް ހަރުކުރުމުގެ އިތުރުން ބައިބައި ވަކިކުރުމަށް ފާރު ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

އައްޑޫ ސިޓީލިންކް ރޯޑްމެންބަރު އިބްރާހިމް ދީދީ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0